ދިވެހި
Surah القيامة - Aya count 40
لَا أُقْسِمُ بِيَوْمِ الْقِيَامَةِ
( 1 ) قيامة ދުވަސް ގަންދެއްވައި ހުވާ وحى ކުރައްވަމެވެ.
وَلَا أُقْسِمُ بِالنَّفْسِ اللَّوَّامَةِ
( 2 ) އަދި النفس اللّوّامة ގަންދެއްވައި ހުވާ وحى ކުރައްވަމެވެ. (ނޯޓު: النفس اللّوّامة އަކީ، ނުބައިކަންތައް ކުރާކަމުގެ މައްޗަށާއި، ހެޔޮކަންތައް ނުކުރާކަމުގެ މައްޗަށް، އަމިއްލަ نفس އަށް މަލާމާތް ރައްދުކޮށްކޮށް ހުންނަ نفس އެކެވެ.)
أَيَحْسَبُ الْإِنسَانُ أَلَّن نَّجْمَعَ عِظَامَهُ
( 3 ) އިންސާނާ ހީކުރަނީ، ތިމަންރަސްކަލާނގެ އޭނާގެ ކަށިތައް އެއްނުކުރައްވާނެ ކަމަށްހެއްޔެވެ؟
بَلَىٰ قَادِرِينَ عَلَىٰ أَن نُّسَوِّيَ بَنَانَهُ
( 4 ) އެހެންނަކުން ނޫނެވެ. އެ އިންސާނާގެ އިނގިލިތަކުގެ ކުރިތައް ހަމަކުރެއްވުމަށްވެސް، ތިމަންރަސްކަލާނގެ ކުޅަދުންވަންތައެވެ.
بَلْ يُرِيدُ الْإِنسَانُ لِيَفْجُرَ أَمَامَهُ
( 5 ) އަދި ކިއެއްތަ! އިންސާނާ އެދެނީ، އޭނާގެ ކުރިޔަށް އޮތްތާނގައިވެސް ފާފަތައް ކޮށްއުޅުމަށެވެ.
يَسْأَلُ أَيَّانَ يَوْمُ الْقِيَامَةِ
( 6 ) އޭނާ سؤال ކުރާނެތެވެ. قيامة ދުވަސް އަންނާނީ ކޮންއިރަކުން ހެއްޔެވެ؟
فَإِذَا بَرِقَ الْبَصَرُ
( 7 ) ފަހެ، ލޯތަކަށް حيران ކަންލިބި، ތަރަތަރަލާހިނދެވެ.
وَخَسَفَ الْقَمَرُ
( 8 ) އަދި ހަނދުގެ އަލިކަން ފިލައިދާހިނދެވެ.
وَجُمِعَ الشَّمْسُ وَالْقَمَرُ
( 9 ) އަދި އިރާއި، ހަނދު އެއްތަންކުރައްވާހިނދެވެ.
يَقُولُ الْإِنسَانُ يَوْمَئِذٍ أَيْنَ الْمَفَرُّ
( 10 ) އެދުވަހުން އިންސާނާ ބުނާނެތެވެ. ފިލަންދާނީ ކޮންތާކަށް ހެއްޔެވެ؟
كَلَّا لَا وَزَرَ
( 11 ) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ރައްކާވެ ތިބެންދާނެ ތަނެއްނެތެވެ.
إِلَىٰ رَبِّكَ يَوْمَئِذٍ الْمُسْتَقَرُّ
( 12 ) އެދުވަހުންގޮސް ހަމަޖެހުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށެވެ.
يُنَبَّأُ الْإِنسَانُ يَوْمَئِذٍ بِمَا قَدَّمَ وَأَخَّرَ
( 13 ) އިންސާނާ އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއްގެ ވާހަކައިން އެ އިންސާނާއަށް އެދުވަހުން خبر ދެއްވާނެތެވެ.
بَلِ الْإِنسَانُ عَلَىٰ نَفْسِهِ بَصِيرَةٌ
( 14 ) އަދި ކިއެއްތަ! އެ އިންސާނާވަނީ އޭނާގެ އަމިއްލަ نفس ގެ މައްޗަށްވާ ހެތްކެއް ކަމުގައެވެ.
وَلَوْ أَلْقَىٰ مَعَاذِيرَهُ
( 15 ) އެ އިންސާނާ، އޭނާގެ عذر ތައް ކުރިމަތިކުޅަނަމަވެސް މެއެވެ.
لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ
( 16 ) އެ قرآن ލިބިވަޑައިގަތުން އަވަސްކުރެއްވުމަށް ކަލޭގެފާނުގެ ދޫފުޅު، އެ قرآن އާއިގެން حركات ތެރި ނުކުރައްވާށެވެ!
إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ
( 17 ) ހަމަކަށަވަރުން، އެ قرآن (ކަލޭގެފާނުގެ ހިތްޕުޅަށް) جمع ކުރެއްވުމާއި، އަދި އެ قرآن ކިޔަވައިވިދާޅުވުމުގެ ކުޅަދާނަކަން ދެއްވުމަކީ، ތިމަންރަސްކަލާނގެއަށް އޮތްކަމެކެވެ.
فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ
( 18 ) ފަހެ، ތިމަންރަސްކަލާނގެ (جبريل ގެފާނު މެދުވެރިކުރައްވައި) އެ قرآن ކިޔަވައިދެއްވާހިނދު، ފަހެ، ކަލޭގެފާނު އެ ކިޔަވައިދެއްވުމާ تبع ވެވަޑައިގަންނަވާށެވެ!
ثُمَّ إِنَّ عَلَيْنَا بَيَانَهُ
( 19 ) ދެން ހަމަކަށަވަރުން، އެ قرآن ބަޔާންކޮށްދެއްވުން ވަނީވެސް ތިމަންރަސްކަލާނގެއަށެވެ.
كَلَّا بَلْ تُحِبُّونَ الْعَاجِلَةَ
( 20 ) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ލޯބިކުރަނީ ދުނިޔޭގެ ކަންތަކަށެވެ.
وَتَذَرُونَ الْآخِرَةَ
( 21 ) އަދި ތިޔަބައިމީހުން آخرة ދޫކޮށްލަމުއެވެ.
وُجُوهٌ يَوْمَئِذٍ نَّاضِرَةٌ
( 22 ) އެދުވަހުން މޫނުތަކެއް ރީތިވެ، އަލިވެގެންވެއެވެ.
إِلَىٰ رَبِّهَا نَاظِرَةٌ
( 23 ) އެ މޫނުތަކުގެ ވެރިރަސްކަލާނގެއަށް ބަލަބަލައި ތިބެއެވެ.
وَوُجُوهٌ يَوْمَئِذٍ بَاسِرَةٌ
( 24 ) އަދި އެދުވަހުން މޫނުތަކެއް ހުތުރުވެ، މޮޅިވެގެންވެއެވެ.
تَظُنُّ أَن يُفْعَلَ بِهَا فَاقِرَةٌ
( 25 ) މައިކަށީގެ ބަދަތައް ބިނދޭވަރުގެކަމެއް ކުރެވޭނެކަމަށް (އެ މޫނުތަކުގެ ވެރިން) ހީކުރެތެވެ.
كَلَّا إِذَا بَلَغَتِ التَّرَاقِيَ
( 26 ) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ވައިނޮޅިކަށިގަނޑާ ހަމަޔަށް ފުރާނަ ފޯރައްޖެހިނދެވެ.
وَقِيلَ مَنْ ۜ رَاقٍ
( 27 ) އަދި އަންގަވާހިނދެވެ. ފަންޑިތައެއް ހަދައި، ފަރުވާއެއް ކުރާނީ ކާކުހެއްޔެވެ؟
وَظَنَّ أَنَّهُ الْفِرَاقُ
( 28 ) އަދި އެއީ ވަކިވުން ކަމުގައި يقين ކޮށްފި ހިނދެވެ.
وَالْتَفَّتِ السَّاقُ بِالسَّاقِ
( 29 ) އަދި (މަރުގެ ސަކަރާތުގައި) އެއްފައި އަނެއްފަޔާ އޮޅައިލެވޭހިނދެވެ.
إِلَىٰ رَبِّكَ يَوْمَئِذٍ الْمَسَاقُ
( 30 ) އެދުވަހުން އެމީހަކު ގެންދެވުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށެވެ.
فَلَا صَدَّقَ وَلَا صَلَّىٰ
( 31 ) ފަހެ، އޭނާ (اللَّه ގެ ފޮތް) ތެދެއްވެސް ނުކުރެތެވެ. އަދި ނަމާދެއްވެސް ނުކުރެތެވެ.
وَلَٰكِن كَذَّبَ وَتَوَلَّىٰ
( 32 ) އެހެނެއްކަމަކު އޭނާ ދޮގުކުރިއެވެ. އަދި އޭނާ ފުރަގަސްދީ އެނބުރިދިޔައެވެ.
ثُمَّ ذَهَبَ إِلَىٰ أَهْلِهِ يَتَمَطَّىٰ
( 33 ) ދެން އޭނާގެ أهل ވެރިންގެ ގާތަށް ބޮޑާކަންމަތީ ހިނގަމުންދިޔައެވެ.
أَوْلَىٰ لَكَ فَأَوْلَىٰ
( 34 ) ކަލެޔަށް ހަލާކު ހުށްޓެވެ. ފަހެ، (ކަލެޔަށް) ހަލާކު ހުށްޓެވެ.
ثُمَّ أَوْلَىٰ لَكَ فَأَوْلَىٰ
( 35 ) ދެންވެސް ކަލެޔަށް ހަލާކު ހުށްޓެވެ. ފަހެ، (ކަލެޔަށް) ހަލާކު ހުށްޓެވެ.
أَيَحْسَبُ الْإِنسَانُ أَن يُتْرَكَ سُدًى
( 36 ) ބޭކާރުގޮތުގައި އޭނާ ދޫކޮށްލައްވާނެކަމަށް އިންސާނާ ހީކުރަނީ ހެއްޔެވެ؟
أَلَمْ يَكُ نُطْفَةً مِّن مَّنِيٍّ يُمْنَىٰ
( 37 ) އޮހޮރައިލެވޭ މަނީގެ ތިއްކެއް ކަމުގައި އޭނާ ނުވޭހެއްޔެވެ؟
ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ
( 38 ) ދެން ގަނޑުލޭކޮޅެއް ކަމުގައި އޭނާ ވިއެވެ. ފަހެ، އެކަލާނގެ އެ އިންސާނާ ހައްދަވައި، ފުރިހަމަކުރެއްވިއެވެ.
فَجَعَلَ مِنْهُ الزَّوْجَيْنِ الذَّكَرَ وَالْأُنثَىٰ
( 39 ) ފަހެ، އޭނާގެ ކިބައިން، ފިރިހެން އަންހެން ދެބާވަތް އުފެއްދެވިއެވެ.
أَلَيْسَ ذَٰلِكَ بِقَادِرٍ عَلَىٰ أَن يُحْيِيَ الْمَوْتَىٰ
( 40 ) އެކަން އެގޮތަށް ކުރެއްވި ރަސްކަލާނގެ، މަރުވެފައިވާ މީހުން އަލުން ދިރުއްވުމަށް ކުޅަދުންވަންތަވެވޮޑިގެން ނުވޭހެއްޔެވެ؟